މިވަގުތު މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައި ވަނީ މި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މިޒުހަތު ނަޢީމް އަދި ލީގަލް އޮފިސަރ ސާއިފް ޢަލީއެވެ. މިގޮތުން މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އަމަލު ކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މަސައްކަތް ކުރާ ތަންތަން ބަލައި ޗެކްކުރުމާއި، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނާގެ ދަށުންހެދޭ ގަވާއިދުތައް ތަންފީޒު ކުރުމަށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަދި ބިދޭސީން ގެންގުޅެމުންދާ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ދެފަރާތުގެ ދެމެދުގައި މީޑިއޭޓްކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ފަދަ މުހިއްމު މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގައި މިއަހަރުގެ ބައިނަލް އަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތް ތަކާއި ގުޅިގެންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، މި އޮތޯރިޓީގެ ފަރާތުން މީޑިއާގައި ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެކި ޓީވީ ޕްރޮގްރާމްތަކުގައި ވަޒީފާއާބެހޭ ޤާނޫނަށް ހޭލުންތެރިކުރުވުމަށް، މި އޮތޯރިޓީގެ އޮފިސަރުން ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތަފްޞީލް ހާމަކޮށްފައިވެއެވެ. އަދި މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން މިއޮތޯރިޓީން އަލަށް ފަށާ، ޕޮޑްކާސްޓާއި ބެހޭގޮތުންވެސް މަޢުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މިއޮތޯރިޓީގެ ފަރާތުން ގެނެސްދޭ ޕޮޑްކާސްޓް މަހަކު އެއްފަހަރު ގެނެސްދިނުމަށް ރާވާފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް ކަމަށްވާ 01 މޭ 2025 ވާ ބުރާސްފަތި ދުވަހު، މުވައްޒަފުންގެ ޙައްޤުތަކާބެހޭ ގޮތުން ބާއްވާ ޚާއްސަ ޕެނަލް ޑިސްކަޝަނާ ބެހޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި މި މަޢުލޫމާތުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުން ދާނެއެވެ.