މާރިޗު

ސަރވިސްޗާޖާބެހޭ ގަވާއިދު (2021/R-41)

ސަރވިސްޗާޖު ނެގުން ލާޒިމްވާ ފަރާތްތަކަކީ ކޮބާ؟

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން ސަރވިސްޗާޖު ނެގުން ލާޒިމްވާނެއެވެ.

ސަރވިސްޗާޖު ނެގުން ލާޒިމްނުވާ ފަރާތްތަކަށް ސަރވިސްޗާޖު ނެގިދާނެތޯ؟

ނެގިދާނެއެވެ. އަދި ނަގާނަމަ ސަރވިސްޗާޖާބެހޭ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ މެދުގައި އެ ފައިސާ ބަހައި، “މީރާކަނެކްޓް” އަށް މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

ސަރވިސްޗާޖުގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ ކޮބާ؟

10% އެވެ.

ސަރވިސްޗާޖު ލިބުނު ވަގުތު ކަމުގައި ކަނޑައަޅާނީ ކޮންވަގުތެއް؟

ޚިދުމަތަށް ފައިސާ ލިބިފައިވަނީ ޚިދުމަތް ދިނުމުގެ ކުރިން ކަމުގައިވިއަސް ނުވަތަ ޚިދުމަތް ދިނުމުގެ ފަހުން ކަމުގައިވިއަސް، ސަރވިސްޗާޖު ލިބުނު ވަގުތު ކަމުގައި ކަނޑައަޅާނީ އެ ފަރާތަކަށް ޚިދުމަތް ދެވުނު ވަގުތެވެ.

ވަޒީފާދޭ ފަރާތްތަކުން ހިންގާ އެކިއެކި ވިޔަފާރިތަކުން ލިބޭ ސަރވިސްޗާޖުގެ ފައިސާ އެއްކުރެވޭނެ ޙާލަތްތަކަކީ ކޮބާ؟

ވަޒީފާދިން ފަރާތުން ހިންގާ ވަކި ވަކި ވިޔަފާރިތަކަކީ އެއްތަނެއްގައި ހިންގާ ވިޔަފާރިތަކެއް ކަމުގައިވާނަމަ، މިތަންތަނުން ނަގާ ސަރވިސްޗާޖްގެ ފައިސާ އެއްކޮށް ހިސާބުކޮށް ބެހިދާނެއެވެ. ނަމަވެސް، ވަޒީފާދޭ ފަރާތުން އެކި ތަންތަނުގައި ހިންގާ ވިޔަފާރިތަކުން ނަގާ ސަރވިސްޗާޖްގެ ފައިސާ އެއްކޮށް، މުވައްޒަފުންގެ މެދުގައި ބަހައިގެން ނުވާނެއެވެ.

ވިޔަފާރިގައި އައުޓްސޯސްކޮށްގެން ދެވޭ ޚިދުމަތްތަކުން ނަގާ ސަރވިސްޗާޖްގެ ފައިސާ ވަޒީފާދޭ ފަރާތުގެ ސަރވިސްޗާޖާ އެއްކުރެވިދާނެތޯ؟

ވަޒީފާދޭ ފަރާތުން ވިޔަފާރި ހިންގާ ވަކި ތަނެއްގައި، އައުޓްސޯސްކޮށްފައިވާ ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނަގާ ސަރވިސްޗާޖް ވަޒީފާދޭ ފަރާތުގެ ސަރވިސްޗާޖާ އެއްކޮށް ހިސާބުކޮށް އަދި ބަހައިގެން ނުވާނެއެވެ.

ސަރވިސްޗާޖުގެ ފައިސާއިން ވަޒީފާދޭ ފަރާތަށް އެއްވެސް މިންވަރެއް ނެގިދާނެތޯ؟

ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 (އެކެއް އިންސައްތަ) ނެގިދާނެއެވެ.

ސަރވިސްޗާޖްގެ ފައިސާ ހައްޤުވާ ފަރާތްތަކަކީ ކޮބާ؟

ވަޒީފާދޭ ފަރާތުގެ ޚިދުމަތެއް ދިނުމުގައި، ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ސަރވިސްޗާޖްގެ ފައިސާ ހައްޤުވާނެއެވެ.

ސަރވިސްޗާޖް ހިސާބުކުރާނީ ކިހިނެއް؟

ސަރވިސްޗާޖް ހިސާބުކުރާނީ، ވަޒިފާދޭ ފަރާތުން އިދާރީ ފީ ނަގާނަމަ، %1 (އެކެއް އިންސައްތަ) އުނިކުރުމަށްފަހު، އެ މަހެއްގެ ސަރވިސްޗާޖުގެ ފައިސާއިން އެ މަހެއްގެ ދުވާލަކަށް ޖެހޭ މިންވަރުގެ ނިސްބަތުން، މުވައްޒަފު ޚިދުމަތްކުރި ދުވަސްތަކަށް ޖެހޭ އަދަދުންނެވެ.

ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާން، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެންނެވެ.

ސަރވިސްޗާޖުގެ ގޮތުގައި ބަހަން ލާޒިމުވާ ޖުމްލަ ޢަދަދު

—————————————-

ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމްލަ ދުވަހުގެ ޢަދަދު

=

ސަރިވިސްޗާޖުގެ ފައިސާއިން ދުވާލަށްޖެހޭ މިންވަރު

ސަރވިސްޗާޖު ނުލިބޭނެ ޙާލަތްތަކަކީ ކޮބާ؟

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް މުވައްޒަފަށް ޙައްޤުވާ ޗުއްޓީއެއް ނެގުމަކާނުލައި، އަދި އަރާމުކުރުމަށް މުވައްޒަފަށް ޙައްޤުވާ ދުވަސްތައް ފިޔަވައި މަސައްކަތަށް ހާޒިރުނުވުމުންނެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ލިބިދޭ ޗުއްޓީއެއްގައި މުވައްޒަފު ހުންނަ ދުވަސްތަކަށް ސަރވިސްޗާޖު ދޭން ލާޒިމްވާނެތޯ؟

ލާޒިމުވާނެއެވެ.

ސަރވިސްޗާޖް ދޭންޖެހޭ ވަގުތަކީ ކޮބާ؟

ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނުކަމަށް ހިސާބުކުރެވޭ ޖުމުލަ ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށް ދީ ނިންމާންވާނެއެވެ.

ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކަކީ ކޮބާ؟

ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

https://www.mira.gov.mv/MIRAconnect/Accounts/Login

ސަރވިސްޗާޖާބެހޭ ގަވާއިދާ ޚިލާފްވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކަކީ ކޮބާ؟

މި ގަވާއިދާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު 10,000/- އާއި 100,000/- އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.