ވަޒީފާގައި ގެންގުޅޭ ބިދޭސީންނާ ގުޅުންހުރި ކަންތައްތައް ބަލައި މޮނީޓަރ ކުރުމަށް ހާއްޞަ އިންސްޕެކްޝަންސްތަކެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދަންފަށައިފިއެވެ.
މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން އިންސްޕެކްޝަންސްތަކެކެވެ.
2024 ސެޕްޓެންބަރު 01 ވީ އާދިއްތަ ދުވަހުން ފެށިގެން، ކުރިއަށްގެންދާ މި އިންސްޕެކްޝަންސްތަކުގައި ފުރަތަމަ އިންސްޕެކްޓްކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ތަންތަނެވެ. އެގޮތުން، މި އިންސްޕެކްޝަންތަކުގައި ބިދޭސީ މުވައްޒަފުން ވަޒީފާގައި ގެންގުޅެމުންދަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ބިދޭސީ މުވައްޒަފުންނާ ގުޅުންހުރި ކަންތައްތައް ބަލައި ޗެކުކުރެވޭނެއެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމްކުރާ އެންމެހާ ލިޔުންތައް ޤާނޫނާއި އެއްގޮތަށް ބަލަހައްޓަމުންދޭތޯވެސް ބަލައި ޗެކުކުރެވޭނެއެވެ.
މި އިންސްޕެކްޝަންސްތައް މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.