ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތާރީޚީ ހަފްލާއެއް ބާއްވައިފިއެވެ. ފެބުރުވަރީ 18 ވަނަ ދުވަހުގެރޭ ބޭއްވި ހަފްލާގައި އޮތޯރިޓީގެ ލޯގޯ ތައާރަފް ކުރުމާއި އަދި އައު ވެބްސައިޓް އިފްތިތާޙު ކުރުން ފާހަގަކޮށްފައިވެއެވެ. އަލަށް އިފްތިތާޙު ކުރެވުނު ވެބްސައިޓް ފަރުމާ ކުރެވިފައިވަނީ ބޭނުންކުރާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް، ފަންނީ ވަޞީލަތްތައް ހިމަނައިގެންނެވެ. ވެބްސައިޓަށް ގެނެވިފައިވާ ބަދަލާ ގުޅިގެން ވަޒީފާދޭފަރާތްތަކަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބިގަތުމުގެ އިތުރުން، މި އޮތޯރިޓީގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، ޝަކުވާ ހުށަހެޅުމާއި، އެކިއެކި ފޯމުތައް ހުށަހެޅުން ފަދަ ކަންކަން އިތުރަށް ހަލުވިކަމާއެކު ކުރުމަށް މަގުފަހިވެ، ބޭނުން ކުރަން ފަސޭހަ ވެގެން ދާނެއެވެ. އެގޮތުން މި އޮތޯރިޓީގެ ލޯގޯ އާއި އައު ވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާނެވެ.
މި ހަފްލާގެ ޝަރަފްވެރި މެހްމާނު، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާން ބައިވެރިވަޑައިގެން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން މުޅިން އަލަށް، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި އިސްތިރާޖީ އަމަލީ ތަދުބީރު އިފްތިތާޙު ކޮށްދެއްވިއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އަހަރީ ރިޕޯޓާއި، ޚިދުމަތް ލިބިގަންނާނެ ގޮތުހެ އުޞޫލު (ސާވިސް ޗާޓަރ) އަދި އިދާރީ ޚިދުމަތް ދިނުމުގެ މިންގަނޑު ( އެސް. އޯ.ޕީ) ވެސް އިފްތިތާޙު ކޮށްދެއްވިއެވެ.
މި ހަފްލާ ގައި ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާން ބައިވެރިވެ ވަޑައިގެން، ދެއްކެވި ވާހަކަފުޅުގައި މި އޮތޯރިޓީން މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ވަނީ އަލި އަޅުވާލައްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި މި އޮތޯރިޓީ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާފައިވެއެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތަށް، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކޮށް ދެއްވުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.
މީގެ އިތުރުން މި ހަފްލާގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަހުމަދު މިޒްހަތު ނަޢީމް ދެއްކެވި ވާހަކަފުޅުގައި، މި އޮތޯރިޓީގެ ފަރާތުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މުވައްޒަފުން ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޝުކުރު އަދާކޮށްފައިވެއެވެ.