މިއަހަރުގެ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން މިއޮތޯރީޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުން ހޭލުންތެރި ކުރުވުމަށް މީޑިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ޕީއެސްއެމުންނާއި ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ހިނގާ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު ޕީއެސްއެމުން ކުރިއަށް ގެންދިޔަ ‘ހެނދުނު ހެނދުނާ’ ޕްރޮގާމުގައި ވަނީ މިއޮތޯރިޓީގެ ޚަދީޖާ ސާރާ ބައިވެރިވެލައްވާފައެވެ. ޚަދީޖާ ސާރާ މަޢުލޫމާތު ޙިއްސާ ކުރެއްވީ ވަޒީފާގެ އެއްބަސްވުމާއި ބެހޭ ގޮތުންނެވެ، އެގޮތުން ވަޒީފާގެ އެއްބަސްވުމުގައި ކޮންމެހެން ފުރިހަމަވެފައި ހުންނަންޖެހޭ ބައިތަކާއި، އެބައިތަކުގެ ބޭނުންތެރިކަމާއި، އެބައިތައް ނެތުމުން ލިބޭނެ އުނިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ މުހިއްމުކަމާއި، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފެއްގެ އަތުގައި އެއްބަސްވުން އޮންނަންޖެހޭނެކަމާއި އަދި އެއްބަސްވުމާއި ގުޅިގެން ވަޒީފާއާބެހޭ ޤާނޫނުން ލާޒިމުކުރާ އެންމެހާ ކަންތައްތަކާ ބެހޭގޮތުން ވަނީ އަލިއަޅުއްވާލާފައެވެ.
މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން މި އޮތޯރިޓީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން، މަސައްކަތްތެރީންގެ ޙައްޤުތަކާއި ބެހޭގޮތުން މިއޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޝަރީފް ވަނީ އެދުވަހުގެ ހެނދުނު 10 ގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ‘އަދުގެ ރާއްޖެ’ ޕްރޮގްރާމްގައި ބައިވެރިވެ ލައްވާފައެވެ. އެގޮތުން މިޕްރޮގްރާމް ގައި މަސައްކަތްތެރީންނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި، ވަޒީފާއާބެހޭ ޤާނޫނު ވުޖޫދުވެގެން އައިގޮތާއި، ވަޒީފާއާބެހޭ ޤާނޫނުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ. އަދި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި އެއްވަރަށް އެފަރާތްތަކުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި އޭގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ ހިމެނޭ ބާބުތަކުގެ މަޢުލޫމާތު އެޕްރޮގްރާމް ގައި އަލިއަޅުއްވާ ލައްވާފައިވެއެވެ.