މާޅޮސްމަޑުލު އުތުރުބުރީގެ ރިސޯޓުތައް އިންސްޕެކްޓް ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް، މި ހިނގާ މަހުގެ 17 އިން 23 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅަށް ދަތުރެއްކޮށްފިއެވެ.
މި ދަތުރުގައި ވަޒީފާއާބެހޭ ޤާނޫނާ ގުޅޭގޮތުން، ޢާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، އެވެއަރނަސް ޕްރޮގްރާމް ހިންގުމުގެ އިތުރުން، އެ އަތޮޅުގެ 17 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. މި އިންސްޕެކްޝަންސްތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލިފައިވެއެވެ. މީގެ އިތުރުން، ސަރވިސްޗާޖާގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ޤާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ޕޯޓަލް ތެރެއިން މަސައްކަތްކުރުމުގައި، ވަޒީފާދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
މީގެ އިތުރުން، ރ. އުނގޫފާރު ކައުންސިލާއި ގުޅިގެން، އެ ރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ހޭލުންތެރި ކުރުވައި އަދި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނަސް ޕްރޮގްރާމް ވަނީ ހިންގާފައިވެއެވެ.
މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ކައުންސިލަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.