“މޭ ޑޭ” ފާހަގަކުރުމަށްޓަކައި މިނިސްޓްރީތަކާއި ސަރުކާރު އިދާރާތަކުން ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފި.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ “މޭ ޑޭ” ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމެވެ. އަދި މަސައްކަތްތެރިންނަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށާއި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް ދިނުމަށް ބާރުއަޅާ ސިޔާސަތުތައް ކުރިއެރުވުމެވެ.

ދިވެހިރާއްޖޭގައި ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހައާއި ގުޅިގެން ހާއްސަ ހިނގާލުމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހިނގާލުން ކުރިޔަށްގެންގޮސްފައިވަނީ އާޓިފިޝަލް ބީޗް އިން ފެށިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ. މި ހިނގާލުމުގައި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު އެކިއެކި މުއައްސަސާތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

އަދި މި ހަރަކާތުގައި ރަސްފަންނު ސަރަހައްދުގައި މަޢުލޫމާތާއި ޙިދުމަތްދޭ ބޫތުތައް ބަހައްޓާފައިވެއެވެ.