ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމަށް މި ހިނގާ އެޕްރީލް މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ތަފާތު އެކި ޓީ.ވީ ޗެނަލްތަކުގައި މިއޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ. އެގޮތުން މި މަހު 27 ވަނަ ދުވަހު ސަންގު ޓީވީގެ ‘ފުރަމެންދުރު’ ޕްރޮގްރާމް ގައި ބައިވެރިވެ މަޢުލޫމާތު ދެއްވީ މިއޮތޯރިޓީގެ މީޑިއޭޝަން އޮފިސަރ އަލްއުސްތާޛާ މަރްޔަމް ރައުޟާއެވެ. ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރިކުރުމަށް ރައުޟާ މަޢުލޫމާތު ހިއްސާ ކުރެއްވީ މަސައްކަތްކުރާ ގަޑި އަދި ޙައްޤުވާ އެކިއެކި ޗުއްޓީތަކާ ބެހޭ ގޮތުންނެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސައްކަތްކުރެވޭނެ ވަގުތުތަކާއި މުވައްޒަފުންނަށް ޙައްޤުވާ އެކި ޗުއްޓީތަކާ ބެހޭގޮތުންނާއި، ޗުއްޓީތައް ނެގޭނެ ގޮތާއި ޗުއްޓީތައް ޙައްޤުވާ މިންވަރު ސާފުކޮށް ބަޔާން ކޮށްދެއްވާފައި ވެއެވެ.
މިމަހުގެ 28 ވަނަ ދުވަހު މިއޮތޯރިޓީގެ އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ މުޙައްމަދު ހައިކަލް ބައިވެރިވެ ލެއްވީ ސަންގު ޓީވީގެ ‘މަޢުޟޫ’ ޕްރޮގްރާމް ގައެވެ. އެ ޕްރޮގްރާމް ގައި ހައިކަލް މަޢުލޫމާތު ހިއްސާ ކުރެއްވީ ކުޑަކުދީން ވަޒީފާގައި ގެންގުޅުމާއި ބެހޭގޮތުންނެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއަދާކުރުމާއި ބެހޭގޮތުން ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާއަދާކުރެވޭނެ އެންމެ ހަގު ޢުމުރާއި، ކުޑަކުދީން ވަޒީފާގައި ގެންގުޅޭއިރު ކަންތައްތައް ކުރަންވާ ގޮތާއި، ކުޑަކުދީންގެ ކަރާމާތާއި ބެހޭގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އޮޅުން ފިލުވައި ދެއްވިއެވެ.
އަލްއުސްތާޛާ މައުޘުރަތު އަޙްމަދު ބައިވެރިވެ ލެއްވި ޕްރޮގްރާމް ކުރިއަށް ދިޔައީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ޕީ.އެސް.އެމް ގެ ‘ހެނދުނު ހެނދުނާ’ ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވީ އުޖޫރައާއި ބެހޭގޮތުންނެވެ. ވަޒީފާއާބެހޭ ޤާނޫނު ގައި މަސައްކަތްކުރާ ފަރާތްތަކަށް ނުވަތަ މުވައްޒަފުންނަށް އުޖޫރަ ޙައްޤުވާ މިންވަރާއި، އުޖޫރަ އާއި ޢިނާޔަތްތައް ހިސާބުކުރާނެ ގޮތާއި، އުޖޫރަ ދޭންޖެހޭ ގޮތާއި، ކަނޑައެޅިފައި އޮންނަ ގޮތަށް އުޖޫރަ ނުލިބުމުން ވަޒީފާއާބެހޭ ޤާނޫނުގައި އެކަން އޮންނަ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ.