މިއޮތޯރިޓީގެ ފުރަތަމަ ޕޮޑް-ކާސްޓް ނެރެފި

މިއަހަރުގެ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން މިއޮތޯރީޓީގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން އަލަށް ފެށި ޕޮޑް-ކާސްޓްގެ ފުރަތަމަ އެޕިސޯޑު ވަނީ 1 މެއި 2025 ވަނަ ދުވަހު ނެރެފައެވެ. މި ޕޮޑް-ކާސްޓް އަކީ ސީރީޒް ވައްޓަފާޅިއަށް މަހަކު އެއްފަހަރު، ގެނެސްދިނުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މިކަމުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ވަޒީފާއާބެހޭ ޤާނޫނަށް ޢާންމުން ހޭލުންތެރިކޮށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ގެނެސްދިނުމެވެ. އޭގެ ސަބަބުން ޤާނޫނުގައި ބުނެފައިވާ ކަންކަން ވީހާވެސް ކުރުކޮށް ފޮނިކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގެނެވޭނެއެވެ. އަދި ކުރިއަށް ހުރި ސީރީޒްތަކުގައި ތަފާތު އެކި މަޢުޟޫތަކަށް މަޢުލޫމާތު ގެނެސްދެވޭނެއެވެ.

އެގޮތުން ޕޮޑް-ކާސްޓް ފުރަތަމަ ސީރީޒް ގައި މަޢުލޫމާތު ދެއްވާފައި ވަނީ މިއޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޝަރީފް އެވެ. ޕްރެޒެންޓަރ އެއްގެ ގޮތުން ބައިވެރިވެ ލައްވާފައި ވަނީ މިއޮތޯރިޓީގެ އިންސްޕެކްޝަން އޮފިސަރ މައުޘުރަތު އަޙްމަދެވެ. މި ޕޮޑް-ކާސްޓްގައި ޢަލީ ޝަރީފް ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިއޮތޯރިޓީގެ މައިގަނޑު މަސައްކަތްތައް ކަމަށްވާ، އިންވެސްޓިގޭޝަން، އިންސްޕެކްޝަން އަދި އެވެއަރނަސްގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތުގެ ތަފްޞީލުތައް ކިޔާދެއްވާފައިވެއެވެ. އަދި އޭގެ އިތުރުން ދިވެހީންނާއި ބިދޭސީ މުވައްޒަފުންގެ މައްސަލަތައް ޙައްލުކުރަމުންދާ ގޮތާއި، އަދި ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރަމުންދާއިރު ދިމާވާ މައްސަލަތަކާ ބެހޭގޮތުންވެސް ޕޮޑް-ކާސްޓް ގައި އަލިއަޅުއްވާ ލައްވާފައި ވެއެވެ. މިޕޮޑް-ކާސްޓް ވަނީ މިއޮތޯރިޓީގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރެވިފައެވެ.