ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި، ރިސޯޓުތައް އިންސްޕެކްޓް ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އެ އަތޮޅަށް ދަތުރެއްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން ފެބުރުވަރީ މަހުގެ 22 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ފެލިދެއަތޮޅަށް ދަތުރެއްކޮށްފިއެވެ.

މި ދަތުރުގައި އެ އަތޮޅުގައި ހިންގަމުންދާ 05 ރިސޯޓަކާއި، އެ އަތޮޅު ތިނަދޫ އަދި ފެލިދޫގައި ހިންގަމުންދާ ވިޔަފާރިތައް ވަނީ އިންސްޕެކްޓްކޮށްފައެވެ. މީގެ އިތުރުން، ވ. ތިނަދޫ ކައުންސިލާ ގުޅިގެން، އެ ރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކާއި، ވަޒީފާއަދާކުރާ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ހޭލުންތެރި ކުރުވައި އަދި އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނަސް ޕްރޮގްރާމެއް ހިންގާފައިވެއެވެ.

މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވ. ތިނަދޫ ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ކައުންސިލަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.