ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 77 ވަނަ މާއްދާ އިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު ގައިވާ ގޮތުގެ މަތީން، މަސައްކަތްކުރާ ތަންތަން ބަލައި ޗެކްކުރުމަށް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރިސޯރޓުތަކާއި ކުޅުދުއްފުށީ ގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކޮށްފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދެވުނީ މޭ މަހުގެ 15 އިން 18 އަށެވެ.
މީގެ އިތުރުން، ހދ. އަތޮޅު ކައުންސިލާއި ގުޅިގެން ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތައް ހޭލުންތެރިކުރުވައި، ވަޒީފާއާބެހޭ ޤާނޫނާއި، ގަވާއިދުތަކާ ގުޅޭ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނެސް ޕްރޮގްރާމްއެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ނޮދާން އޮފީސް ކޮމްޕްލެކްސް (އެން. އޯ. ސީ) ގެ ލަނގޮނޑި މާލިމީ މާލަމުގައެވެ.
މި ފުރުޞަތުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދެއްވި އެއްބާރުލުން ފާހަގަކޮށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެނޭޖްމެންޓަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ނަމުގައި ޝުކުރު ދަންނަވަމެވެ.