އެލް. އާރް. އޭ އާއި މީރާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް ފަހިކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.

މިގޮތުން، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގައި ބަޔާންކުރާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ޚިދުމަތްތަކުން ސަރވިސްޗާޖު ނަގާ ފަރާތްތަކުން އެލް.އާރް.އޭ އާއި މީރާއަށް ހުށަހަޅަންޖެހޭ ސަރވިސްޗާޖުގެ މަޢުލޫމާތު ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މީރާގެ އޮންލައިން ޓެކްސްޕޭޔަރ ސަރވިސް “މީރާކަނެކްޓް” މެދުވެރިކޮށް އެ މަޢުލޫމާތު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސިފައިވެއެވެ.

މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެލް.އާރް.އޭ އިން ކުރާ ޖޫރިމަނާތައް މީރާ މެދުވެރިކޮށް ކުރުމާއި މީރާއަށް ފައިސާ ބަލައިގަންނަގޮތަށް ހަމަޖެއްސިފައިވެއެވެ.