ސަރވިސްޗާޖާބެހޭ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށައިފި

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާ ގުޅިގެން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލަންޖެހޭ ސަރވިސްޗާޖާބެހޭ ގަވައިދު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު (16 މާރިޗު 2021) ޝާއިޢުކޮށްފިއެވެ.

މި ގަވައިދުގައި، ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންޖެހޭ ގޮތާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި ޢަމަލުކުރަންޖެހޭގޮތާއި، ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖްގެ މަޢުލޫމާތު ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

އެގޮތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން %10 އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަންޖެހެއެވެ. އެހެންނަމަވެސް، އެފަދަ ތަންތަނުގައި މުދާ ވިއްކުމަށް ޤާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ.

މީގެ އިތުރުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހެއެވެ.