ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކުރުން

ފުވައްމުލައް ސިޓީގައި ހުރި ވަޒީފާއާބެހޭ މައްސަލަތަކާއި ގަވައިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނާބެހޭގޮތުން، އެސިޓީ ކައުންސިލާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ފުވައްމުލަކުގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ފަރުމާކޮށްފައިވާ އިންޓަރނެޓް ޕޯޓަލް، ’ހަރަހެރި‘ ގައި ބިދޭސީން ރެޖިސްޓްރީކުރުމަށް ހުރި ގޮންޖެހުންތަކާއި، އެކަންތައް ޙައްލުކޮށް ބިދޭސީން ރެޖިސްޓްރީކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކައުންސިލްގެ ފަރާތުން ބިދޭސީންނާބެހޭ މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުމަށްޓަކައި އެޕްލިކޭޝަނެއް ތަޢާރަފުކޮށް، އޭގެ މަސައްކަތް ފެށުމާ ބެހޭގޮތުންނާއި، ރަށަށް އަންނަ ބިދޭސީންނާއި، ރަށުން ފުރާ ބިދޭސީންގެ މަޢުލޫމާތު ފުރިހަމައަށް ބަލަހައްޓާ، ރަށަށް އަންނަ އަދި ރަށުގައި އުޅޭ ކޮންމެ ބިދޭސީއަކީ ރެޖިސްޓަރ ކުރެވި، ކައުންސިލްގެ ފަރާތުން ޙަވާލުކޮށްފައިވާ ރެޖިސްޓްރޭޝަން ކާޑެއް އޮންނަ ބިދޭސީއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމާބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.