ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތިން އަތޮޅެއްގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރުން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރެއް ކައުންސިލްތައް މެދުވެރިކޮށް އެކުލަވާލުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ އިންޓަރނެޓް ޕޯޓަލް، ’ހަރަހެރި‘ ގައި، ބިދޭސީން ރެޖިސްޓްރީކުރުމާ ބެހޭގޮތުން މަޢުލޫމާތުދީ މަޝްވަރާކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފުންގެ ޓީމްތައް ތިން އަތޮޅަކަށް ޒިޔާރަތްކޮށް، އަތޮޅު އަދި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައިފިއެވެ. އެގޮތުން ބައްދަލުކޮށްފައިވަނީ ތ. އަތޮޅު ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން، ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ލ. މާވަށު އަދި ދ. ކުޑަހުވަދޫގެ ރަށު ކައުންސިލާއެވެ.

މި ބައްދަލުވުންތަކުގައި ވަނީ، ރަށްރަށުގައި ދިރިއުޅެމުންދާ ބިދޭސީން ރަށު ކައުންސިލުގައި ރެޖިސްޓްރީކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުންނާއި، ރެޖިސްޓްރޭޝަން ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައެވެ. އަދި ބިދޭސީންގެ މައްސަލާގައި ރަށު ފެންވަރުގައި އެޅިދާނެ ފިޔަވަޅުތަކާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާ ދިނުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.