ލޭބަރ ރިލޭޝަންސް އޮތޯރިޓީން، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަށް އިންސްޕެކްޝަން އަދި އެވެއަރނެސްއާގުޅޭ ދަތުރެއް ކޮށްފި.

މާޅޮސްމަޑުލު ދެކުނުބުރި ދަރަވަންދޫގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށާއި، އެ އަތޮޅުގައިވާ 2 ރިސޯޓެއް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ.

20 މޭ 2026 އިން 24 މޭ 2026 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.

މީގެއިތުރުން، މާޅޮސްމަޑުލު ދެކުނުބުރި ދަރަވަންދޫ ކައުންސިލާ ގުޅިގެން، އެ ރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ އެވެއަރނެސް ޕްރޮގްރާމްއެއް ވަނީ ހިންގާފައިވެއެވެ.

މި ޕްރޮގްރާމް އިންތިޒާމު ކުރުމުގައި މާޅޮސްމަޑުލު ދެކުނުބުރި ދަރަވަންދޫ ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމަންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.