މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ބަދަލުކޮށްފި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެެ ސީނިއަރ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ބިދޭސީން ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރ ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެެ ސީނިއަރ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ. އަދި މި ކަމުގައި ހުރި ގޮންޖެހުންތަކާއި، މައްސަލަތައް ޙައްލުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، މި އޮތޯރިޓީން ކުރިޔަށްގެންދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތާއި، ކުރިއަށްގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްޞީލު މިނިސްޓަރަށް ވަނީ ޙިއްޞާކުރެވިފައެވެ.