ވ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އަދި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަމުރާއި އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންސްތަކުގެ ތެރެއިން، ވ. އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ.

އޮކްޓޫބަރު މަހުގެ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންސްތަކުގައި، ވ. އަތޮޅުގައި ހިންގާ 5 ޓޫރިސްޓް ރިސޯޓާއި، ވ. ފުލިދޫގައި ހިންގާ 20 ގެސްޓްހައުސްއެއް، ބަލައި ޗެކުކުރުމުގެ އިތުރުން، ޤާނޫނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ދަތުރުގައި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ޕޯޓަލް ތެރެއިން މަސައްކަތްކުރުމުގައި، ވަޒީފާދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.