ރ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ޖަނަވަރީ މަހުގެ 13 އިން 19 އަށް އެއަތޮޅަށް ދަތުރެއް ކޮށްފިއެވެ.
މިއަތޮޅުގައި ހިންގަމުންދާ 9 ރިސޯޓެއް މިޓީމްގެ ފަރާތުން އިންސްޕެކްޓް ކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓް އަހުލުވެރިކުރުމަށް މަޢުލޫމާތުދީ، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބަލައި، މި މަސައްކަތުގައި ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި އޮތޯރިޓީގެ ފަރާތުން މީގެ ކުރިން ކޮށްފައިވާ އިންސްޕެކްޝަންތަކުގައި އިޞްލާޙުކުރުމަށް އަންގާފައިވާ ކަންކަން އިޞްލާޙުކޮށްފައިވާ މިންވަރުވެސް، މި އިންސްޕެކްޝަންތަކުގައި ވަނީ ބަލާފައެވެ.
މީގެ އިތުރުން ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ހަރަކާތްތަކެއް އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ވަނީ ހިންގާފައެވެ. އެގޮތުން ރ. އަތޮޅު މީދޫ، އުނގޫފާރު އަދި ދުވާފަރުގެ ވިޔަފާރިވެރިންނާއި ބިދޭސީ މުވައްޒަފުން ގެންގުޅޭ ފަރާތްތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް މިޓީމްގެ ފަރާތުން ދެނެގަނެ އަދި އެކަންބޮޑުވުންތައް ހައްލު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން މިރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރެވިފައިވެއެވެ.