ބ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ބ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗު މަހުގެ 3 އިން 8 އަށް އެއަތޮޅަށް ދަތުރެއް ކޮށްފައިވެއެވެ.

މިއަތޮޅުގައި ހިންގަމުންދާ 17 ރިސޯޓެއް މިޓީމުގެ ފަރާތުން އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން ބ. އަތޮޅު އޭދަފުށީ ކައުންސިލާއި ކަމަދޫ ކައުންސިލާއެކު މަޝްވަރާކުރެވިފައިވެއެވެ. އަދި ކަމަދޫގައި ހިންގާ ގެސްޓްހައުސްތައްވެސް އިންސްޕެކްޓްކޮށްފައިވެއެވެ.