ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހއ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ތިލަދުންމަތީ އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤުއެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިތިއްބާ އޮތޯރިޓީގެ މުވައްޒަފުން، އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާނެއެވެ. މިއީ މިފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމްކުރުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު ފަސްވަނަ އަތޮޅެވެ.

އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ރ. އަތޮޅާއި، ބ. އަތޮޅާއި، ށ. އަތޮޅު، އަދި ނ. އަތޮޅު އަތޮޅުގައި ޑެސްކު ޤާއިމްކޮށް މަސައްކަތްކުރަންވަނީ ފަށާފައެވެ.