ތ. އަތޮޅާއި ލ. އަތޮޅުގެ އިންސްޕެކްޝަންތަކެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ތ. އަތޮޅާއި ލ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ލ. ގަމާއި ފޮނަދޫގައި ހިންގަމުންދާ ވިޔަފާރިތަކުގެ އިންސްޕެކްޝަން، މިހިނގާ އޮގަސްޓު މަހުގެ 11 އިން 18 ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންގޮސްފިއެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ތަންތަން ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން އިންސްޕެކްޝަނެކެވެ.

އެގޮތުން، ތ. އަތޮޅުގައި ހިންގާ ރިސޯޓަކާއި، ލ. އަތޮޅުގައި ހިންގަމުންދާ 2 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކުގައި، ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުމަށާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރުގެ އިތުރުން ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން، ލ. ގަމާއި ފޮނަދޫގައި ހިންގަމުންދާ ޖުމްލަ 142 ވިޔަފާރިއެއްވެސް އިންސްޕެކްޓު ކޮށްފައިވެއެވެ. މިއިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވިޔަފާރިވެރިންނާއި މުވައްޒަފުން އަހުލުވެރިކުރުމަށް އެވެއާރނަސް ޕްރޮގްރާމް ހިންގާފައިވެއެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް އޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން މިރަށްރަށުގެ ކައުންސިލްތަކާއެކުވެސް މަޝްވަރާކުރެވިފައިވެއެވެ.