ފުވައްމުލައް ސިޓީ ކައުންސިލާއެކު ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، ވަޒީފާއާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލާ ތަންފީޛު ކުރުމަށާއި، ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމަށް، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ފުވައްމުލައް ސިޓީ ގައި ބޭތިއްބުމަށް، ސިޓީ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ސިޓީ ކައުންސިލުގެ ފަރާތުން، މޭޔަރ އަލްފާޟިލް އިސްމާޢީލް ރަފީޤު އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ޚިދުމަތައް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފާލަމެއް ކަމަށާއި، މިކަމުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދާ ދެވޭނެކަމަށެވެ. މިކަމުގައި ސިޓީ ކައުންސިލުގެ މޭޔަރ އިސްމާޢީލް ރަފީޤާއި ކައުންސިލް އިދާރާގެ އެންމެހާ މުވައްޒަފުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް، ޝުކުރު އަދާކުރައްވާފައިވެއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރ، އަލްފާޟިލް އިސްމާޢީލް ރަފީޤު ދެއްކެވި ވާހަކުފުޅުގައި، ފުވައްމުލައް ސިޓީ އަކީ އެއްފަސްކޮށް އޮތް އާބާދީ ބޮޑު ސަރަޙައްދަކަށް ވުމާއެކު ތަފާތު ފަންނުގެ މަސައްކަތްތެރިން ގިނަކަން ފާހަކަކޮށް، މި ޚިދުމަތްތަކަކީ އެސިޓީއަށް މުހިންމު ޚިދުމަތެއްކަން ފާހަގަ ކުރެއްވިއެވެ.  އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމައަށް ގެންދިޔުމަށް ސިޓީކައުންސިލުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް މޭޔަރ ދެއްވާފައިވެއެވެ.

މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިހާތަނަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމަޔަށް، އުތުރުގެ 6 އަތޮޅުގައި ވަނީ އެލް.އާރު.އޭގެ ޚިދުމަތް ފެށިފައެވެ. މީގެ އިތުރުރުން އެލް.އާރު.އޭ މުވައްޒަފުން ދެކުނުގެ އަތޮޅުތަކުގައި ބޭއްތިބުމަށް އައްޑޫސިޓީ ކައުންސިލާއި، ހުވަދުއަތޮޅު

އުތުރާއި ދެކުނުބުރީގެ ކައުންސިލާއި ލާމު އަތޮޅު ކައުންސިލް ހިމެނޭހެން އިތުރު 4 ކައުންސިލަކާއެކު އެމް.އޯ.ޔޫ ތަކުގައި ވަނީ ސޮއިކުރެވިފައެވެ. މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.