ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ލާމު އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް، މިއޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ލާމު އަތޮޅުގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އަތޮޅު ކައުންސިލު އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީ އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ފަރާތުން ލާމު އަތޮޅުގެ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފާލަމެއް ކަމަށާއި މިކަމުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދާ ދެވި، އިސްލާޙީ ފިޔަވަޅު އެޅުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި އަތޮޅު ކައުންސިލުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް އިސްމާޢީލް ޢަލީ ދެއްކެވި ވާހަކުފުޅުގައި، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ލާމު އަތޮޅުގައި ފެށިގެން ދިޔުމުން އެ އަތޮޅުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް ޤާނޫނީ އިމުގެ ތެރެއިން ޙައްލު ލިބިގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ލާމު އަތޮޅުގެ ވަޒީފާގެ މާޙައުލު އިތުރަށް ހަރުދަނާވެ ފުރިހަމަ ވެގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަންވެސް އަތޮޅު ކައުންސިލް ރައީސް ފާހަގަކޮށްފައިވެއެވެ.

މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިހާތަނަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމަޔަށް، އުތުރުގެ 6 އަތޮޅުގައި ވަނީ އެލް.އާރު.އޭގެ ޚިދުމަތް ފެށިފައެވެ. އަދި އެލް.އާރު.އޭ މުވައްޒަފުން ދެކުނުގެ އަތޮޅުތަކުގައި ބޭއްތިބުމަށް އައްޑޫސިޓީ ކައުންސިލާއި، ހުވަދުއަތޮޅު އުތުރާއި ދެކުނުބުރީގެ ކައުންސިލް ހިމެނޭހެން 3 ކައުންސިލަކާއެކު ފަހުމުނާމާ ތަކުގައި ވަނީ ސޮއިކުރެވިފައެވެ. މީގެ އިތުރުން މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.