ނ. އަތޮޅުގެ ބައެއް ރައްތަކަށާއި، އެއަތޮޅުގައި ހިންގާ ރިސޯޓްތަކަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ދަތުރެއްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އަދި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަމުރާއި އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ނ. އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ.

އޮގަސްޓު މަހުގެ 15 އިން 16 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ނ. އަތޮޅުގައި ހިންގާ 6 ޓޫރިސްޓް ރިސޯޓާއި، ނ. ހޮޅުދޫގައި ހިންގާ 25 ވިޔަފާރިއެއް، ބަލައި ޗެކުކޮށް، ޤާނޫނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މިދަތުރުގައި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ޕޯޓަލް ތެރެއިން މަސައްކަތްކުރުމުގައި، ވަޒީފާދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.