ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމަށް ސިޓީ ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން އައްޑޫ ސިޓީގައި ބޭތިއްބުމަށް، ސިޓީ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ސިޓީ ކައުންސިލުގެ ފަރާތުން، މޭޔަރ އަލްފާޟިލް ޢަލީ ނިޒާރު އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ފަރާތުން އަތޮޅުތެރޭގެ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފާލަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދާ ދެވި، އިސްލާޙީ ފިޔަވަޅު އެޅުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ސިޓީ ކައުންސިލްގެ މޭޔަރ، އަލްފާޟިލް ޢަލީ ނިޒާރު ދެއްކެވި ވާހަކުފުޅުގައި، ސިޓީ ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން އައްޑު އަތޮޅަށް ދެއްވި އަހައްމިޔަތާއި ފުރުޞަތަށް އޮތޯރިޓީއަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އޮތޯރިޓީގެ މުވައްޒަފުން ސިޓީ ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާނެއެވެ.

މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.