ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހުވަދުއަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލްތަކާއެކު ފަހުމުނާމާގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމުގެގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ހުވަދުއަތޮޅުގައި ބޭތިއްބުމަށް، ހުވަދުއަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި 12 އަދި 13 ޖޫން 2023 ގައި ސޮއިކޮށްފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީނެވެ. ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް ޙަސަން ފައިހަތު ޤުދުރަތުﷲ އެވެ. އެލް.އާރް.އޭގެ ފަރާތުން މިފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ކައުންސިލްތަކާއެކު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ފަރާތުން އަތޮޅުތެރޭގެރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފާލަމެއް ކަމަށާއި، މިކަމުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދާ ދެވި، އިސްލާޙީ ފިޔަވަޅު އެޅުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި އަތޮޅުކައުންސިލްތަކުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މި ދެ އަތޮޅު ކައުންސިލްގެ ރައީސުންވެސް ދެއްވިއެވެ. ދެ އަތޮޅުގެ ރައީސުންވެސް ފާހަގަކޮށްފައިވާ ގޮތުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް އަތޮޅު ތެރޭގައި ޤާއިމުވެގެންދިޔުމުގެ ސަބަބުން އަތޮޅު ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާގެ މާޙައުލުގައި ދިމާވާ މައްސަލަތަކަށް ޤާނޫނީ އަވަސް ޙައްލެއް ލިބިގެންދާނެއެވެ. އަދި އެކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، އޮތޯރިޓީގެ މުވައްޒަފުން އަތޮޅު ކައުންސިލް އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ތަންތަން އިންސްޕެކްޓްކޮށް، ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފަންނީ މަޢުލޫމާތު ދިނުމަށް މަސައްކަތްތައް ކުރާނެއެވެ.

މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.