ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ރިސޯޓެއްގެ މުވައްޒަފެއް މަސައްކަތުގައި

ވަޒީފާއާބެހޭ ޤާނޫނަށް 2020 ވަނަ އަހަރު ގެނެވުނު އިޞްލާޙާއެކު، ފަތުުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނެގުން ލާޒިމުކުރުމާ ގުޅިގެންނާއި، 2021 ވަނަ އަހަރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ނެރުއްވި މިނިމަމް ވޭޖް އަމުރާ ގުޅިގެން، އެކަންކަމަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. ޖުލައިމަހުގެ 21 އިން 27 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ފ. އަތޮޅުގައި ހިންގާ 1 ރިސޯޓާއި، ދ. އަތޮޅުގައި ހިންގާ  9 ޓޫރިސްޓް ރިސޯޓާއި، ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއަރޕޯޓްވެސް ވަނީ ބަލައި ޗެކުކޮށްފައެވެ. މީގެ އިތުރުން، ކުޑަހުވަދޫގައި ހިންގާ ގެސްޓްހައުސްތަކާއި، އެކިއެކި ވިޔަފާރިތައްވެސް ބަލައި ޗެކުކޮށް، ޤާނޫނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.  އަދި ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، 110 ރިސޯޓު މިއަހަރުގެ މިހާތަނަށް ވަނީ އިންސްޕެކްޓްކޮށްފައެވެ.