އދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަނެއްގެ ތެރެއިން، މުވައްޒަފަކާ ވާހަކަ ދައްކަނީ

އދ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ ޖުލައިމަހުގެ 09 އިން 17 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، އދ. އަތޮޅުގައި ހިންގާ 17 ޓޫރިސްޓް ރިސޯޓުގެ އިތުރުން، އެއަތޮޅު މަންދޫގައި ހިންގާ ފިޔަވަޅު މޯލްޑިވްސް ހޮޓެލްއާއި ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް (މާމިގިލި) ވެސް ވަނީ ބަލައި ޗެކުކޮށްފައެވެ. މި އިންސްޕެކްޝަންތަކުގައި، ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތުން ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރެވެއެވެ. އަދި ވަޒީފާއަދާކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުންދޭންޖެހޭ އުޖޫރަ (މިނިމަމް ވޭޖް) ދޭތޯ ބެލުމާއި، ވަޒީފާއާބެހޭ ޤާނޫނަށް ވަޒީފާދޭ ފަރާތްތައް އަހުލުވެރިކުރުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުރި ހުރިހާ ރިސޯޓުތަކާއި، އއ. އަދި އދ. އަތޮޅުގެ ހުރިހާ ރިސޯޓުތައް މިއަހަރުގެ މިހާތަނަށް ވަނީ އިންސްޕެކްޓްކޮށްފައެވެ.