ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ކޮޅުމަޑުލުގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކޮޅުމަޑުލު އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙު އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ފަރާތުން އަތޮޅުތެރޭގެ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފާލަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދައިދެވި، އިސްލާޙީ ފިޔަވަޅު އެޅުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި މިއަތޮޅުގެ ކައުންސިލުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙު ދެއްކެވި ވާހަކުފުޅުގައި، އަތޮޅު ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތ.އަތޮޅަށް ދެއްވި އަހައްމިޔަތާއި ފުރުޞަތަށް އޮތޯރިޓީއަށް ޝުކުރުއަދާ ކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އޮތޯރިޓީގެ މުވައްޒަފުން އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާނެއެވެ.
މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.