ފުނަދޫ ސްކޫލް ދަރިވަރުންނަށް، ވަޒީފާއާބެހޭ ޤާނޫނާ ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފި

ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލް ނިންމާ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. އަތޮޅު ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. ށ. އަތޮޅު ކައުންސިލާއި، ފުނަދޫ ސްކޫލާއި ގުޅިގެން ހިންގި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 11 އަދި 12ގެ ދަރިވަރުންނަށް ޙާއްސަ ކުރެވިގެންނެވެ.

މިސެޝަންގައި، ވަޒީފާއާބެހޭ ޤާނޫނާ ގުޅޭ މަޢުލޫމާތުދިނުމުގެ އިތުރުން، އެންމެ ކުޑަމިނުންދޭންޖެހޭ އުޖޫރައިގެ އަމުރާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެވިފައެވެ. މީގެ އިތުރުން، ދެވުނު މަޢުލޫމާތާ ގުޅޭގޮތުން ދަރިވަރުންނާއި ސުވާލުކޮށް، ވަޒީފާއާބެހޭ ޤާނޫނާއި ގުޅޭ ބުރަފަތިލަފްޒުގެ އަރަތެއް ދަރިވަރުންނާއި ޙަވާލުކުރެވިފައިވެއެވެ.

މިޕްރޮގްރާމް އިންތިޒާމު ކުރުމުގައި ށ.އަތޮޅު ކައުންސިލާއި، ފުނަދޫ ސްކޫލުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެވެއެވެ. މިއޮތޯރިޓީގެ އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމެވެ.