އއ. އަތޮޅުގެ 9 ރިސޯޓެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން  ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، އއ. އަތޮޅުގެ 9 ރިސޯޓެއް އިންސްޕެކްޓްކޮށްފިއެވެ.

ޖޫންމަހުގެ 01 އިން 06 އަށް ކުރިއަށް ގެންދިޔަ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ވަޒީފާއާބެހޭ ޤާނޫނަށް ވަޒީފާދޭ ފަރާތްތައް އަހުލުވެރިކުރުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން ރިސޯޓުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވެސް މިދަތުރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.