ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ބ. އަތޮޅުގައި ގާއިމްކުރަނީ

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް މިޒުހަތު ނަޢީމް (ކ) އާއި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަފްރާޙް (ވ)

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށް މިއަހަރު ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ބ. އަތޮޅުގައި އޮތޯރިޓީގެ މުވައްޒަފުން ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަފްރާޙެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް އަޙްމަދު އަފްރާޙް ވިދާޅުވީ، އެލް.އާރް.އޭ ގެ ޚިދުމަތް ކައުންސިލް މެދުވެރިކޮށް ރައްޔިތުންނާ ގާތުން  ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އަތޮޅުގެ ރައްޔިތުންނާ ކައުންސިލަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި މަރުކަޒީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ އަތޮޅު ކައުންސިލުގެ އަމާޒެއް ކަމަށްވެސް އަތޮޅު ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިތިއްބާ އޮތޯރިޓީގެ މުވައްޒަފުން، އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައްކުރާނެއެވެ. އަތޮޅު ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން ބޭތިއްބުމުން، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދައިދީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖާ ގުޅޭ ކަންކަމުގައި ޤާނޫނާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި ފިޔަވަޅު އެޅުން، ކުރިއަށްވުރެ ހަރުދަނާ ވެގެންދާނެއެވެ. ބ. އަތޮޅަކީ މިހާރުވެސް 16 ޓޫރިސްޓް ރިސޯޓެއް ހިންގަމުންދާ، އަދި އިތުރު 6 ރިސޯޓެއް ތަރައްގީކުރަމުންދާ އަތޮޅެއްކަން ފާހަގަކޮށްލެވެއެވެ.

މިއީ މިފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމްކުރުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު ތިންވަަނަ އަތޮޅެވެ. މީގެ ކުރިން،  ރ. އަތޮޅުކައުންސިލާއި، ށ. އަތޮޅު ކައުންސިލާއެކުވެސް އެލް.އާރް.އޭ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް، މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މި ދެ އަތޮޅުގައި ބައިތިއްބާ މުވައްޒަފުންހޯދުމަށް އޮތޯރިޓީން މިހާރުވަނީ އިޢުލާންވެސް ކޮށްފައެވެ.

އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި އަމާޒަކީ، އަހަރުގެ ނިޔަލަށް 8 އަތޮޅެއްގައި އޮތޯރިޓީގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ފެށުމެވެ.