ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިންސްޕެކްޝަނެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗުމަހާއި ފެބުރުވަރީމަހު އެ ދެއަތޮޅަށް ދަތުރު ކޮށްފައިވެއެވެ.

މިދަތުރުތަކުގައި، ށ. އަތޮޅުގައި ހިންގާ 2 ރިސޯޓަކާއި، ނ. އަތޮޅުގައި ހިންގާ 6 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން ށ. އަތޮޅު ކައުންސިލާއި، އެއަތޮޅު ފުނަދޫ އަދި ގޮއިދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.