ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން، އެޕްރީލް މަހުގެ 30 އިން މޭ މަހުގެ 18 އަށް އދ. އަތޮޅަށް ދަތުރުތަކެއް ކޮށްފައިވެއެވެ.
އެގޮތުން އދ އަތޮޅުގައި ވަޒީފާދީގެން އެންމެ ގިނައިން މުވައްޒަފުން ގެންގުޅޭ ރަށްތަކުގެ ތެރެއިން ދަނގެތި، މަހިބަދޫ އަދި އޮމަދޫގައި ޖުމްލަ 180 އެތައް އިންސްޕެކްޝަނެއް މިއޮތޯރިޓީން ކޮށްފައިވެއެވެ. ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި ހުރިތޯ، މި އިންސްޕެކްޝަންސްތަކުގައި ބަލާފައިވެއެވެ. ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާއަދާކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނާއި، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް އަދި އެންމެކުޑަމިނުން ދޭންޖެހޭ އުޖޫރައަށް އަހުލުވެރިކުރުމުގެ ގޮތުން ފަންނީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް މިރަށްރަށުގައި ހިންގާފައިވެއެވެ. މީގެއިތުރުން މި ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާޢިދާއި، ސަރވިސްޗާޖު މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތު ދެވުނެވެ.
ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ވަޒީފާދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ވަޒީފާ އަދާކުރުމުގައި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް އަދި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.