އިންޑޮނޭޝިއާގެ އައު ސަފީރު, ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއެކު ބައްދަލުވުމެއް ބާއްވައިފި

އިންޑޮނޭޝިއާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: އެމްބަސީ އޮފް ދަ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ އިން ކޮލަމްބޯ)

އިންޑޮނޭޝިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިޒިޔާރަތުގައި އެކަމަނާ ވަނީ މިއޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކޮށް މިއޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑޮނޭޝިއާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި، އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މިއޮތޯރިޓީއާ ގުޅިގެން ކުރިޔަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން އެކަމަނާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިބައްދަލުވުމުގައި މިއޮތޯރިޓީގެ ޑިރެކްޓަރ މުޙައްމަދު އަޙުޒަމް ދެއްކެވި ވާހަކަފުޅުގައި، މިއޮތޯރިޓީގެ މެންޑޭޓުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކޮށް އެމަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭ ގޮތުން އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑޮނޭޝިއާގެ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، މައްސަލަތައް ޙައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ދެ ފަރާތް ގުޅިގެން އިތުރަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނަށް އިންޑޮނޭޝިއާގެ މަސައްކަތްތެރިން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށް، މިއޮތޯރިޓީގެ ފަރާތުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ސަފީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސިއުލް އަލްފާޟިލް ޖައުފަރު ޢީސާ އާދަމް އާއި، ކޮލަމްބޯގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.