ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޅ. ނައިފަރުގައި ހިންގައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ނައިފަރުގައި ހިންގި އެވެއަރނެސް ޕްރޮގްރާމްގެ ތެރެއިން

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު، ނައިފަރު ކައުންސިލް އިދާރާގައެވެ. އަދި ގޫގުލް މީޓް މެދުވެރިކޮށް މި ސެޝަން ވަނީ އޮންލައިންކޮށްވެސް ކުރިއަށް ގެންގޮސްފައެވެ.

މި އެވެއަރނެސް ސެޝަންގައި، ވަޒީފާދޭފަރާތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، ޤާނޫނީ ގޮތުން ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ދަށުން، ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށްޓަކައި ބޭނުންކުރާ ހަރަހެރި ޕޯޓަލްގައި ބިދޭސީން ރަޖިސްޓަރީކުރުމާ ގުޅޭގޮތުންވެސް މަޢުލޫމާތުދެވުނެވެ. އަދި ވަޒީފާދޭފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދިނުމާއި، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމްގެ ތެރެއިން ވަނީ ވާހަކަދެކެވިފައެވެ.