ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ށ. އަތޮޅުގައި ގާއިމްކުރުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް މިޒުހަތު ނަޢީމް (ކ) އާއި މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމް (ވ)

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން މިލަދުންމަޑުލު އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް މުޙައްމަދު ޝިޔާމް ދެއްކެވި ވާހަކުފުޅުގައި، އަތޮޅު ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ށ. އަތޮޅަށް ދެއްވި އަހައްމިޔަތާއި ފުރުޞަތަށް އޮތޯރިޓީއަށް ޝުކުރުއަދާ ކުރެއްވިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިތިއްބާ އޮތޯރިޓީގެ މުވައްޒަފުން، އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާނެއެވެ. މިއީ މިފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމްކުރުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު ދެވަނަ އަތޮޅެވެ. މީގެ ކުރިން، މިއަހަރުގެ މާރިޗު މަހުގެތެރޭ، ރ. އަތޮޅު ކައުންސިލާއެކުވެސް އެލް.އާރް.އޭ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް، މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ފަށާފައެވެ.

އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި އަމާޒަކީ، އަހަރުގެ ނިޔަލަށް 8 އަތޮޅެއްގައި އޮތޯރިޓީގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ފެށުމެވެ.