ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ރ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން މާޅޮސްމަޑުލު އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ނާޞިފެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމް ވިދާޅުވީ، އަތޮޅު ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން ބޭތިއްބުމުން، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް ބަލައި، އަވަސް ޙައްލެއް ހޯދައިދެވޭނެކަށެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖާ ގުޅޭ ކަންކަމުގައި ޤާނޫނާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި ފިޔަވަޅު އެޅުން، ކުރިއަށްވުރެ ހަރުދަނާ ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. ރ. އަތޮޅަކީ މިހާރުވެސް 14 ޓޫރިސްޓް ރިސޯޓެއް ހިންގަމުންދާ އަތޮޅެއްކަން ފާހަގަކޮށްލެވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް ޙަސަން ނާޞިފް ދެއްކެވި ވާހަކުފުޅުގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ވެރިރަށް މާލެއިން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެއްޓެވުމަށް އޮތޯރިޓީން ކުރައްވާ މަސައްކަތަށާއި، އެ މަސައްކަތުގެ ތެރެއިން ރ. އަތޮޅަށް ދެއްވި އަހައްމިޔަތާއި ފުރުޞަތަށް އޮތޯރިޓީއަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އޮތޯރިޓީގެ މުވައްޒަފުން އަތޮޅު ކައުންސިލްގެ އިދާރާގައި ތިބެގެން، މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބަލައި، މަސައްކަތްތައް ކުރާނެއެވެ.

މި އޮތޯރިޓީގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި، މިއަހަރުތެރޭ އިތުރު އަތޮޅުތަކެއްގައި މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި އަމާޒަކީ، އަހަރުގެ ނިޔަލަށް 8 އަތޮޅެއްގައި އޮތޯރިޓީގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ފެށުމެވެ.