ޅ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

އެލް.އާރް.އޭ ގެ އިންސްޕެކްޝަނެއްގެ ތެރެއިން، މުވައްޒަފަކާ ވާހަކަ ދައްކަނީ.

ޅ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ މޭ މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ޅ. އަތޮޅުގައި ހިންގަމުންދާ 9 ރިސޯޓަކާއި މަސް ފެކްޓްރީއެއް ހިންގަމުންދާ ޅ. ފެލިވަރުވެސް ވަނީ ބަލައި ޗެކުކޮށްފައެވެ. އަދި ވަޒީފާއާބެހޭ ޤާނޫނަށް ވަޒީފާދޭ ފަރާތްތައް އަހުލުވެރިކުރުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ރިސޯޓުތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން އަތޮޅު ކައުންސިލާއި، ނައިފަރު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވެސް މިދަތުރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުރި ހުރިހާ ރިސޯޓުތައް މިއަހަރުގެ މިހާތަނަށް ވަނީ އިންސްޕެކްޓްކޮށްފައެވެ.